މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ހުޅުމާލޭ ހޮސްޕިޓަލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ހުޅުމާލޭ ހޮސްޕިޓަލް

ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން މިހެން ބުނީ ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެތަނުގެ ޑޮކްޓަރަކު ޖިންސީ ގޯނާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީ ވެސް ބަލި މީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދޭ ހިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ބަލި މީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމަކީ ވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަންކަން ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި، މައްސަލަތަކާ ގުޅިގެން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ފަންނީ މިންގަނޑުތަކުގެ އިތުރުން އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އަޅަމުންދާނެއެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަކީ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު "ހަގީގަތާ ހިލާފު" ވާހަކަތަކެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަލި މީހުންނަށް ފަރުވާދިނުމުގައި ބަލިމީހާގެ ކަރާމާތާއި މިނިވަން ކަމަށް އިހުތިރާމް ކުރުމާއި، ބަލި މީހުންގެ ރުހުން ހޯދުމުގެ އިތުރުން ފަންނީ މިންގަނޑުތަކާއި ކްލިނިކަލް އުސޫލުތަކާ އެއްގޮތަށް ހުރިހާ މުވައްޒަފުން އަމަލުކުރުމަށް ބާރުއަޅާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. ދައުލަތުގެ ސިއްހީ މުއައްސަސާއަކަށް ވުމުން، ބަލި މީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކަށަވަރުކުރާނެ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި ސިއްހީ ހިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބޭ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ. "ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލުމަކީ އެތަނުން ކަންބޮޑުވާ ކަމެއް" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވަނީ ކަށަވަރުނުވާ މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލިމީހުންނަށް ރައްކާތެރި، އަހުލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މިއަދު އޮންލައިން