ދިވެހިރާއްޖޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ރުކުމަޑިއާއި ހުދުކޫޑީގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ތަކެތި ކޮންޓްރޯލް ކުރަން ބޭނުންވާ ޕެސްޓްސައިޑް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ހުޅުވާލައިފިއެވެ. މިކަމާ ގުޅިގެން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް މިހާރު ސިޓީ ފޮނުވާފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކުން ޕެސްޓްސައިޑް ބޭނުންވާނަމަ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކޮށް އެތަނުން ތަކެތި ކަލެކްޓް ކުރެވޭނެއެވެ. އަދި ބާކީ ހުރި އަތޮޅުތަކުގެ ރަށްތަކަށް ބޭނުންވާ ޕެސްޓްސައިޑް ދޫކުރާނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ މައި އިދާރާއިންނެވެ.
ވަޒީރު ޝިޔާމް ހއ. އަދި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބައެއް ރަށްތަކުގެ ކައުންސިލްތަކާ އަމަލީ ގޮތުން މިތަކެތި ވަނީ ހަވާލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ދަނޑުވެރިކަން ކުރާ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް، ކައުންސިލްތަކާ ބައްދަލުކުރައްވައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ރުކުމަޑި ކޮންޓްރޯލް ކުރުމަށްޓަކައި ކެމިކަލްގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ޤުދުރަތީ ގޮތުން މިފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ 'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރެއް' ދާދިފަހުން ވަނީ ހުޅުވާފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް ދެނެގަނެ، އެފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މި ސެންޓަރުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ނިޒާމުގެ ދަށުން ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރެވޭނެއެވެ. މިއީ ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މިފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.