ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ ހަތަރުވަނަ ބެޗަށް ބައިވެރިން ހޮވުމަށް ބާއްވާ ސެލެކްޝަން މަރުހަލާތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ބެޗަށް ކުދިން ހޮވުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، ޤައުމީ ކަންކަމުގައި ޒިންމާދާރުކަމާއެކު ހަރަކާތްތެރިވާނެ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ މުހިންމު މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ ކިބައިގައި ވަޠަނީ ރޫޙު އާލާކޮށް، އަޚްލާޤީ ގޮތުން ރަނގަޅު ސިފަތަކެއް އަށަގެންނެވުމެވެ.
މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ސެޓްފިކެޓްތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ހިމެނެއެވެ.
މީގެ އިތުރުން، އަމަލީ ގޮތުން ބޭނުންތެރި ހުނަރުތަކުގެ ތެރެއިން ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓްތައްވެސް ދަރިވަރުންނަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގެ ސަބަބުން ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ގޮތާއި މުޖުތަމަޢަށް ބޭނުންތެރި ޚިދުމަތްތެރި ބަޔަކަށް ޒުވާނުން ވެގެންދާނެއެވެ.