ޒުވާނުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް: ސައުދީ ސަފީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޒުވާނުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް: ސައުދީ ސަފީރު

ޒުވާނުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް ކަމަށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއާއި މަޖީދިއްޔާ ސްކައުޓުން ގުޅިގެން ޒުވާނުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ ޔޫތު ލިޑަރޝިޕް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ޔަހްޔާ ބިން ހަސަން އަލް-ޤަހްތާނީ ވިދާޅުވީ، "ޒުވާނުންނަކީ ކޮންމެ ގައުމެއްގައިވެސް ގައުމުގެ ކުރިއެރުމަށް ވަރަށް މުހިންމު ބައެއް. އެ މީހުންގެ ހިތްވަރާއި، ބުރަ މަސައްކަތަކީ މުސްތަޤުބަލު ބައްޓަން ކުރާ އެއްޗެއް. ޒުވާނުން ބާރުވެރިކުރުވައިގެން ލީޑަރޝިޕް ހޯދަން މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ކަމަށެވެ.

17 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ލީޑަރޝިޕް ކޯހުގައި ޖުމްލަ 50 ޒުވާނުން ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ. މި ކޯހަކީ ޒުވާނުންގެ މެދުގައި ލީޑަރޝިޕް ހުނަރުތައް ތަރައްޤީކޮށް، ގައުމީ ފެންވަރުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ހިންގުނު ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ސައުދީ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ވޯލްޑް ސްކައުޓިންގ އަދި ވޯލްޑް ސްކައޓް ފައުންޑޭޝަނާ ގުޅިގެން ކުރިއަށްގެންދާ "މެސެންޖާސް އޮފް ޕީސް ފަންޑު" ގެ ދަށުން ހިންގުނު ހަރަކާތެކެވެ. މިއީ ރާއްޖޭގެ ސްކައުޓް ޖަމިއްޔާއިން ކުރިއަށްގެންދާ "ޔޫތު ލީޑަރޝިޕް އެންޑް މެންބަރޝިޕް ގްރޮތް" ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ކޯހެކެވެ.

މިފަދަ ތަމްރީނުތަކުގެ ސަބަބުން ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް އިތުރަށް ތަރައްޤީވެ، މުޖުތަމައަށް ފައިދާހުރި ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށް މި ރަސްމިއްޔާތުގައި ފާހަގަކުރެވުނެވެ. އަދި ސައުދީ ސަރުކާރުން ރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށް ދެއްވާ އެހީތެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައިވެސް ފާހަގަކުރެވުނެވެ.

މިއަދު އޮންލައިން