އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމަށް އޯޕަންޑޭއެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލަށް ބަދަލުކުރުމަށް އޯޕަންޑޭއެއް ބާއްވަނީ

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށްޓަކައި ހާއްސަ އޯޕަންޑޭއެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައެވެ.

މި އޯޕަންޑޭ ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ. މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިންގ އޮފާތައް ފޮނުވާފައެވެ.

މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮފާ ގަބޫލުކުރައްވާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ އެ ތަނުން ނިންމާލެވޭނެއެވެ. މި ހަރަކާތަށް ވަޑައިގަންނަވާ ކަސްޓަމަރުން އައިޑެންޓިފިކޭޝަން ކަށަވަރު ކުރުމަށްޓަކައި އައިޑީ ކާޑު ގެންނަން ޖެހޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން މައުލޫމާތުދެއެވެ.

އިސްލާމިކް ފައިނޭންސް އަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލް އިން އިތުރު ފައިނޭންސިންގ ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ. މިއީ އެސްއެމްއީ ޑިޖިޓަލް އަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން