މަގޭސޯލަރ ޕްރޮޖެކްޓުގެ ދަށުން 200 އަށްވުރެ ގިނަ ގޭބީސީގައި ސޯލަރ ހަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަގޭސޯލަރ ޕްރޮޖެކްޓުގެ ދަށުން 200 އަށްވުރެ ގިނަ ގޭބީސީގައި ސޯލަރ ހަރުކޮށްފި

ސަރުކާރުން ކުރިއަށްގެންދާ 'މަގޭ ސޯލަރ' ޕްރޮޖެކްޓުގެ ދަށުން މިހާތަނަށް 200 އަށްވުރެ ގިނަ ގޭބީސީގައި 1 މެގަވޮޓުގެ ސޯލަރ ހަކަތައިގެ ނިޒާމު ހަރުކޮށްފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަގޭ ސޯލަރ ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ރާއްޖޭގައި ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި ހިންގާ މުހިންމު މަޝްރޫއެކެވެ. މި ޕްރޮގްރާމުގެ ދަށުން ސޯލަރ ޕީވީ ނިޒާމުތައް ޤާއިމުކުރަމުންދަނީ ހަމައެކަނި ގޭބިސީތަކުގައެވެ. މި ނިޒާމުތައް ހަރުކުރާނެ ގޭބިސީތައް ކަނޑައަޅަނީ އެކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާތަނަށް 250 ގޭބީސީއެއްގައި ޖުމްލަ 1 މެގަވޮޓުގެ ސޯލަރ ހަކަތައިގެ ނިޒާމު މިހާރު ޤާއިމުކޮށް ނިމިފައިވާ ކަމަށެވެ. އަދި ސޯލަރ ހަރުކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިހާރު ހަވާލުކޮށްފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމުގެ ދަށުން ސޯލަރ ހަރުކުރުމަށް މިހާރުވެސް ރަޖިސްޓްރީކޮށްފައިވާ އިތުރު 298 ގޭބީސީއެއްގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫއުގެ ސަބަބުން އާންމު ރައްޔިތުންގެ ކަރަންޓު ބިލަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން