ގދ.ގައްދޫއިން ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ގދ.ގައްދޫއިން ޕާސްޕޯޓު ހެދުމުގެ ހިދުމަތް ދޭން ފަށައިފި

ސަރުކާރުގެ ހިދުމަތްތައް ލާމަރުކަޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ގދ. ގައްދޫގައި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މިއީ ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އައިޑީ ކާޑު ހެދުމާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް މާލެއިން ބޭރުން ލިބެނީ ވަރަށް މަދު ރަށަކުންނެވެ. ނަމަވެސް، މި ހިދުމަތްތައް ލާމަރުކަޒުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާ ގުޅިގެން، ސަރުކާރުން ކުރި ހަލުވި މަސައްކަތްތަކުން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާއިން ފޯރުކޮށްދޭ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ގައްދޫގައި މި ހިދުމަތް ތައާރަފުކުރެވުމާއެކު، މިހާރު ހުވަދު އަތޮޅު ދެކުނު ބުރީގެ ދެ ރަށަކުން މި ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ގދ. އަތޮޅުން މި ހިދުމަތް ދެމުން އައީ ހަމައެކަނި ތިނަދޫ ސިޓީގައެވެ.

މި އައު ހިދުމަތާއެކު ގައްދޫ އަދި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ޕާސްޕޯޓު ހެއްދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، އަސާސީ ހިދުމަތްތައް ހޯދުމުގައި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މިއަދު އޮންލައިން