"ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރު އަދި "ދަނޑުވެރި ނަފާ" ލޯނު އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް އިފްތިތާހްކޮށްދެއްވައިފިއެވެ.
މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރެވެ. އަދި މިއީ މިނިސްޓްރީގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ ނަފާ ލޯން ސްކީމްވެސް އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ނަފާ ސްކީމް ތައާރަފް ކުރުމެވެ. މިދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާއި ގުޅިގެން ހިންގާ، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.
"ދަނޑުވެރި މަންފާ" ސްކީމް އަމާޒުކުރެވެނީ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ. ގްރާންޓް ގެ ފުރަތަމަ ބުރު ނިމިގެންދިޔައީ ވަރަށް ކާމިޔާބުކަމާއިއެކުއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުވެސް މި ހުޅުވާލެވުނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަންއަށެވެ. މިއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަންކުރުމަށެވެ.
މި ގްރާންޓް ސްކީމްގެ މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ޕްރޮޖެކްޓްގެ ރަށްތަކުގައި މީގެ ކުރިން ވަނީ ކުރިއަށް ގެންދެވިފައިވެއެވެ. ދަނޑުވެރި މަންފާ ގްރާންޓް ސްކީމްއަކީ އެސްއެމްއީ ޑިޖިޓަލް އާއިއެކު ކުރިއަށްދާ ސްކީމްއެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިންނެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން، އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ޤާއިމް ކުރުމެވެ.
މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ވެޓެރިނަރީ ސާވިސް، ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރެވިގެންދާނެއެވެ.
މި ދެ ފައިނޭންސިންގ ގެ މަޤްޞަދަކީ ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތު އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުމެވެ.
ހަބަރު: ސަރުކާރު