ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭން "އެނގުމަކީ ބާރެއް" ބަންޑާރަނައިބުގެ އޮފީހުން އިފްތިތާޙުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕޭން "އެނގުމަކީ ބާރެއް" ބަންޑާރަނައިބުގެ އޮފީހުން އިފްތިތާޙުކޮށްފި

ޤާނޫނަށް އަހުލުވެރި، ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕޭން "އެނގުމަކީ ބާރެއް" އިއްޔެ ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް (AIM) ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޤާނޫނީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ.

"އެނގުމަކީ ބާރެއް" ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ޤާނޫނީ މަޢުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ޤާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ނިންމުންތައް ނިންމުމުގެ ޤާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ ބޭނުމެކެވެ.

މި ކެމްޕޭނުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށްގެން ހޭލުންތެރިކުރުމުގެ އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ޤާނޫނީ މަޢުލޫމާތުތައް ފަސޭހައިން އޮޅުންފިލާނެ ގޮތްތަކަށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނެއެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކުރި ގޮތުގައި، ޤާނޫނީ ނިޒާމަށް އާންމުންގެ އިތުބާރު ބޮޑުކުރުމަށާއި، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަކީ އެ އޮފީހުން އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދާނެ އެއް މަސައްކަތެވެ.

މިއަދު އޮންލައިން