ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސްދެއްކި 20 ފަރާތަކަށް "ރަންލާރި" އެވޯޑް ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސްދެއްކި 20 ފަރާތަކަށް "ރަންލާރި" އެވޯޑް ދީފި

ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް އިނލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދޭ "ރަންލާރި" އެވޯޑް 20 ފަރާތަކަށް ދީފިއެވެ. މި އެވޯޑްތައް ހަވާލުކޮށްފައިވަނީ މީރާއަށް 16 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

ރަންލާރި އެވޯޑަކީ ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމައަށް އަދާކޮށް، އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. މިއަހަރު މީރާއިން މި އެވޯޑް ދީފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި އިލްތިޒާމްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވުނު ފަރާތްތަކަށެވެ. މި އެވޯޑް ޖުމްލަ 12 ގިންތިއަކުން 20 ފަރާތަކަށް ވަނީ ލިބިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް ދެއްކި ރިސޯޓްތަކުގެ ތެރެއިން، 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އެވެ. އަދި 151 އެނދާއި 250 އެނދާ ދެމެދުގެ ގިންތީން ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވޯޑް ހާސިލްކުރިއިރު، 250 އެނދަށްވުރެ ގިނަ އެނދު ހިމެނޭ ރިސޯޓްތަކުގެ ގިންތީން އެވޯޑް ލިބިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި އަށެވެ.

މީރާއިން ބޭއްވި މި ރަސްމިއްޔާތުގައި ޓެކްސް ދައްކާ ފަރާތްތަކުން ގާނޫނަށް ބޯލަނބައި، ގަވާއިދުން ޓެކްސް ދެއްކުމަށް ބާރުއަޅާފައިވެއެވެ. މި އެވޯޑަކީ ޓެކްސް ދައްކާ ފަރާތްތަކާއި މީރާއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ޓެކްސް ދެއްކުމުގެ ސަގާފަތެއް އަށަގަންނުވައި އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.

މިއަދު އޮންލައިން