ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން އއ. އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ.
އާރުޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަސައްކަތުގެ ދަށުން އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވަނީ އއ. ތޮއްޑޫ، އއ. ހިމަންދޫ، އއ. މާޅޮސް އަދި އެ އަތޮޅު ރަސްދޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ. މި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
ރަށްރަށުގެ މަގުތައް ހެދުމާއި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.
މި އުޅަނދުތައް ރަށްރަށަށް ގެންދެވުމުން، އެ ރަށްރަށުގައި ހުއްޓިފައިވާ ނުވަތަ މަޑުޖެހިފައިވާ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އާރުޑީސީން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.