ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ވިޔަފާރީގެ ޚިޔާލުތައް ހަގީގަތަކަށް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ "ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިން" ގެ ދެވަނަ ފިޔަވައްސަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މި ފައިނޭންސިންގ ފެސިލިޓީއަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަކޮށްގެން ތައާރަފުކޮށްފައިވާ ލުއިފަސޭހަ ސްކީމެކެވެ. މި ސްކީމްގެ ދަށުން އެއްވެސް ޚަރަދެއް އަމިއްލަ އަތުން ކުރަން ނުޖެހި، އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަނބުރާ ދެއްކުމަށް އަހަރަކަށް 7 އިންސައްތައިގެ ފައިދާ ރޭޓެއް ކަނޑައަޅާފައިވާއިރު، 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު ޖުމްލަ 5 އަހަރުގެ މުއްދަތެއް ލިބިގެންދާނެއެވެ.
މި ފިޔަވަހީގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން، ޒުވާނުންގެ މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ޚާއްސަ ޕްރޮގްރާމެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން، އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމަށްފަހު، ބީއެމްއެލް ސްވައިޕް އެޕް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެނެވެ.
މި ފައިނޭންސިންގ ސްކީމްގެ ފުރަތަމަ ފިޔަވަހި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެ ފިޔަވަހީގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް 300 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ. މި ސްކީމަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން އެސްއެމްއީ ޑިޖިޓަލުން ވަނީ ފާހަގަކޮށްފައެވެ.