ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ކަރާމަތާއި އިންސާނީ ގުޅުމުގެ އިތުރުން މިއަދާއި މާދަމާގެ ކުރިމަގަށް ގެންގުޅޭ އުއްމީދާ ގުޅިފައިވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ ނަފްސާނީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކޮންމެ ނަފްސާނީ މައްސަލައެއްގެ ފަހަތުގައިވެސް އެތައް ވާހަކަތަކެއް ވާކަން ފާހަގަކުރައްވައި، އޭގެ ތެރޭގައި އެންޒައިޓީއާ ހަނގުރާމަ ކުރަމުންދާ ޒުވާނަކާއި، ޒިންމާތައް ބޮޑުވެ ފިކުރު ބޮޑުވެފައިވާ ބެލެނިވެރިއެއްގެ އިތުރުން އިމޯޝަނަލް ޑިސްޓްރެސް ބަޔާންކުރަން ނޭނގޭ ކުޑަކުއްޖަކު ހިމެނިދާނެ ކަމަށް ވިދާޅުވިއެވެ.
"މިއީ ހަމައެކަނި މެޑިކަލް ކޭސްތަކެއް ނޫން ނުވަތަ ތަފާސްހިސާބުތަކެއްވެސް ނޫން. އެއީ އިންސާނުން. އެއީ އާއިލާތައް. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ހިއްސާއެއް. އެއިން ކޮންމެ މީހެއްގެ ދުޅަހެޔޮކަން އަޅުގަނޑުމެންނަށްވެސް މުހިންމުވާންޖެހޭ،" އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ޑިޕްރެޝަނާއި އެންޒައިޓީ އަދި ޓްރޯމާ ފަދަ ނަފްސާނީ މައްސަލަތަކުން އަރައިގަތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމަޢުގެ ނަޒަރިއްޔާތު ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. މިފަދަ ތަފާތުކުރުންތަކާއި ނަޒަރިއްޔާތުގެ ސަބަބުން ފަރުވާ ހޯދުމުގައި ފަސްޖެހުން ދިމާވާކަން ބަޔާންކުރައްވައި، ނަފްސާނީ ފަރުވާ ހޯދުމަކީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ ވިސްނުމެއް މުޖުތަމަޢުގައި އަށަގެންނެވުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
މަންމައެއްގެ ހައިސިއްޔަތުން ދަރިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވަމުން، ތަޢުލީމީ ޕްރެޝަރާއި، މުޖުތަމަޢުގެ އުއްމީދުތަކާއި، އާއިލީ ހަމަނުޖެހުންތަކުގެ އިތުރުން އޮންލައިންކޮށް އަންނަ ނުފޫޒުތަކުގެ ސަބަބުން ޒުވާނުންނަށް ކުރާ ނޭދެވޭ އަސަރުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ޒުވާނުންގެ ކިބައިން ފެންނަ އަމަލުތައް ދެނެގަނެ، ލޯތްބާއި އަޅާލުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.
ދުޅަހެޔޮ މުސްތަޤްބަލެއް ބިނާކުރެވޭނީ ނަފްސާނީގޮތުން ދުޅަހެޔޮ ދަރިންތަކެއް ބިނާކުރެވިގެން ކަމަށް ވިދާޅުވަމުން، ޤައުމީ ޞިއްޙަތާބެހޭ އެޖެންޑާގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނާފައިވުމަކީ ސަރުކާރުން މިކަމަށް ދޭ މުހިންމުކަން ހާމަވާ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި 2029 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭންގެ ދަށުންނާއި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ޤައުމީ ފެންވަރުގައި ނަފްސާނީ ފަރުވާ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުހިންމުކަން އެކަމަނާ ވަނީ ތަކުރާރުކުރައްވާފައެވެ.