ވަޤްފު އިމާރާތް "ދާރުލްއަރްޤަމް" ގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ވަޤްފު އިމާރާތް "ދާރުލްއަރްޤަމް" ގެ އަމަލީ މަސައްކަތް ފަށައިފި

މާލޭގައި އަލަށް ބިނާކުރާ ވަޤްފު އިމާރާތް "ދާރުލްއަރްޤަމް"ގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި ބިނާކުރާ މި އިމާރާތަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ މި އިމާރާތަކީ 12 ބުރީގެ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑް ފްލޯ ހާއްސަކުރެވިފައިވަނީ އުޅަނދުތައް ޕާކުކުރުމަށެވެ. އިމާރާތުގެ ފުރަތަމަ ބުރީގައި ރިސެޕްޝަނެއް ހުންނައިރު، ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނަ ބުރިން ފެށިގެން 12 ވަނަ ބުރިއާ ހަމައަށް ހުންނާނީ ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާނެ އިންތިޒާމުތަކެވެ. އިމާރާތުގެ އެންމެ މަތީ ފަންގިފިލާ ނުވަތަ ރޫފްޓޮޕް ތަރައްޤީކުރާނީ ހާމަ ޓެރަސްއެއްގެ ގޮތުގައެވެ.

މި އިމާރާތަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް، ލިފްޓާއި އެހެނިހެން ވަސީލަތްތަކާއެކު ބިނާކުރާ އިމާރާތެކެވެ. "ދާރުލްއަރްޤަމް"ގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫޢަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ޖުމްލަ 39,462,545.08 (ތިރީސް ނުވަ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ދެ ހާސް ފަސްސަތޭކަ ސާޅީސް ފަސް ރުފިޔާ އަށް ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ އިސްލާމީ ވަޤްފުތައް އިތުރުކޮށް، އޭގެއިން ލިބޭ އާމްދަނީން އިސްލާމީ ކަންތައްތަކަށް ހޭދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި އިމާރާތަކީވެސް ދީނީ ކަންކަމަށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

މިއަދު އޮންލައިން