ވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މިނިސްޓަރު އަލީ ޝަރީފް ކައުންސިލާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވިލުފުށީގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މިނިސްޓަރު އަލީ ޝަރީފް ކައުންސިލާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް، ތ. ވިލުފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިލުފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިތުރުން ހަކަތައިގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ތަރައްޤީކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ވިލުފުށީ ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ފެނުގެ ނިޒާމަށާއި ނަރުދަމާގެ ޚިދުމަތަށް ދިމާވެފައިވާ ގޮންޖެހުންތައް މިނިސްޓަރާ ހިއްސާކުރައްވާފައެވެ. އަދި ރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ވިލުފުށީގެ އަސާސީ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމާ އެކުގައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން