ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް ބޮޑުވިޔަނުދީ ކޮންޓުރޯލުކުރުމަށްޓަކައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުން މުހިއްމު ފިޔަވަޅުތަކެއް ތަންފީޒުކުރުމަށް ނިންމައިފިއެވެ. މި ނިންމުންތަކަކީ ރާއްޖޭގެ މަނިޓަރީ ޕޮލިސީ ނުވަތަ ފައިސާއާ ގުޅޭ ސިޔާސަތުތައް ހަރުދަނާކޮށް، އިގުތިސާދުގައި ދިވެހި ރުފިޔާ ދައުރުކުރާ މިންވަރު މަދުކުރުމަށް އެޅޭ ފިޔަވަޅުތަކެކެވެ.
މަރުކަޒީ ބޭންކުގެ ބޯޑުން އެޅުމަށް ނިންމާފައިވާ އެންމެ މުހިއްމު އެއް ފިޔަވަޅަކީ ވިޔަފާރި ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ ރުފިޔާގެ މިނިމަމް ރިޒާވް ރިކިއުމެންޓް (އެމްއާރްއާރް) އިތުރުކުރުމެވެ. މިއީ ބޭންކުތަކުން މަރުކަޒީ ބޭންކުގައި ލާޒިމުކޮށް ބަހައްޓަންޖެހޭ ދިވެހި ރުފިޔާގެ އެންމެ މަދު މިންވަރެވެ.
މިހާރު ބޭންކުތަކުން ރުފިޔާއިން ބަހައްޓަންޖެހެނީ 10.5 އިންސައްތައެވެ. ނަމަވެސް، އަންނަ ސެޕްޓެންބަރު މަހުން ފެށިގެން މި އަދަދު 11.0 އިންސައްތައަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، 2027 ވަނަ އަހަރާ ހަމައަށް ކޮންމެ ތިން މަހަކުން މި އަދަދު މުރާޖައާކޮށް، މަރުހަލާތަކަކަށް ބަހާލައިގެން 2027 ގެ ޑިސެންބަރުގެ ނިޔަލަށް މި ރިޒާވް 13 އިންސައްތައަށް އިތުރުކުރުމަށްވެސް ބޯޑުން ވަނީ ކަނޑައަޅާފައެވެ.
މިނިމަމް ރިޒާވް ރިކުއަމެންޓަށް ގެންނަ ބަދަލުގެ އިތުރުން، އެމްއެމްއޭގެ އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) މެދުވެރިކޮށް އިގުތިސާދުގައި ދައުރުވާ ރުފިޔާގެ މިންވަރު މަދުކުރުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން، އޯޕަން މާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މާލީ ބާޒާރުގައި ދިވެހި ރުފިޔާގެ އަގު ވަރުގަދަކޮށް، ބޭރު ފައިސާގެ އަގު ކޮންޓުރޯލުކޮށް އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމެވެ.