ނިމިދިޔަ ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ އަދަދު، އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް އެ އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން ޖުލައި މަހުގެ ރިޕޯޓަށް ބަލާއިރު، ޖޫން މަހާ އަޅާބަލާއިރު ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ލީގަލް އެއިޑް ނުވަތަ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިން މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހު ބަންޑާރަނައިބުގެ އޮފީހުން ޖުމްލަ 16 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. މިއީ ޖޫން މަހު ކޯޓަށް ހުށަހެޅި 6 މައްސަލައާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އިތުރުވުމެކެވެ.
ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އިތުރުވި ނަމަވެސް، ކޯޓު އަޑުއެހުންތަކުގައި ބައިވެރިވި އަދަދު ވަނީ ޖޫން މަހާ އަޅާބަލާއިރު ދަށްވެފައެވެ. އެގޮތުން ޖޫން މަހު 86 އަޑުއެހުމެއްގައި ބައިވެރިވެފައިވާއިރު، ޖުލައި މަހު ބައިވެރިވެފައިވަނީ 66 އަޑުއެހުމެއްގައެވެ.
މި ތަފާސްހިސާބުތަކަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމުގެ ގޮތުން ކޮންމެ މަހަކުވެސް އާންމުކުރަމުންދާ މައުލޫމާތުތަކެކެވެ.