އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތްފަށަނީ

އޭދަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ބ. އޭދަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓު ތައްޔާރުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އާރްޑީސީން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ މަސައްކަތް ފެށުމުގެ ކުރިން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތަކާއި ސައިޓު މޮބިލައިޒް ކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭދަފުށީގެ 5.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ތާރު އެޅުމުގެ އިތުރުން، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި، ރޯޑް މާރކިން ޖެހުމުގެ އިތުރުން މަގުމަތީގެ ނިޝާންތަކާއި ސައިން ބޯޑްތައް ހަރުކުރުން ހިމެނެއެވެ. ޖުމްލަ 75.6 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 3500 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އޭދަފުށީގެ މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލާފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ފިޔަވަހީގެ ދަށުން 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން، 22,942 އަކަ މީޓަރުގެ ސަރަހައްދެއް ހިމެނޭހެން ރަށުގެ 19 މަގެއްގައި ވަނީ ތާރު އަޅާފައެވެ.

މިހާރު ފެށުމަށް ތައްޔާރުވަމުންދާ ދެވަނަ ފިޔަވަހީގެ މަސައްކަތާއެކު، އޭދަފުށީގެ ބޮޑު ސަރަހައްދެއްގެ މަގުތައް ޒަމާނީ ފެންވަރަށް ބަދަލުވެ، ރަށުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހަރަކާތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން