މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު، އަމާޒަކީ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. މި މަސައްކަތަކީ އަމީނީ މަގުގެ ބައެއް ސަރަހައްދުތައް ހަލާކުވެފައިވާތީ އެކަން ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެކެވެ.
ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރުއަޅައިގެން ތަރައްޤީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މަގު ހަދަން ފެށުމުގެ ކުރިން އެކުންފުނިން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ ސާވޭގެ މަސައްކަތްތަކެވެ. އެއަށްފަހު، މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުއެވެ.
މަރާމާތުގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީމަގުގެ ބައެއް ބަންދުކޮށްފައެވެ. މި ސަރަހައްދުގައި މިހާރު ދަނީ މަރާމާތުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ 1.79 ކިލޯމީޓަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މަސައްކަތް ނިމުނުތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގުގެ ބައެއް ސަރަހައްދުތަކަށް ވަނީ ގެއްލުންތައް ލިބެން ފަށާފައެވެ.