މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އުރީދޫއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓަށް ބަލާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %3.9 ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 179 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އުރީދޫއިން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މޯބައިލް ޚިދުމަތްތަކާއި، ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތަކުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ޖުމްލަ 536 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، މޯބައިލް ޚިދުމަތްތަކުން 380 މިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތުން ލިބުނު 394 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ލިބުނު އާމްދަނީއަށް ވަނީ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން 152 މިލިޔަން ރުފިޔާ ލިބުނުއިރު، ދެވަނަ ކުއާޓަރުގައި ވަނީ %2 އިތުރުވެ، 155 މިލިޔަން ރުފިޔާ ލިބިފައެވެ.

އުރީދޫއަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާގައި ފުޅާދާއިރާއެއްގައި ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން