ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތައް ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތައް ހައްލުކުރަން ރައްޔިތުންގެ މަޖިލީހުން އަންގައިފި

ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ރެކްރޫޓުކުރުމާއި، ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އެކުލަވާލާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް އަންގައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ، މި ރިޕޯޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ހުށަހެޅި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ހޯމަ ދުވަހު ނެގި ވޯޓުންނެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުއްވާފައިވާ މި ޚާއްސަ އޮޑިޓް ރިޕޯޓަކީ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އެ ކުންފުނީގެ ހިންގުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ޖުމްލަ 5,289 މުވައްޒަފުން ނަގާފައިވެއެވެ. މީގެ އިތުރުން، ކުންފުނީގެ އުސޫލުތަކާއި ގަވާއިދާ ޚިލާފަށް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ކުންފުނީގެ މާލީ ހާލަތާއި ހިންގުން ހަރުދަނާކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލް ވަނީ މުހިންމު ލަފާތަކެއް ދެއްވާފައެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި، މިހާރު ތިބި މުވައްޒަފުންގެ މަސައްކަތުގެ ބުރަދަން (ވޯކްލޯޑު) ދެނެގަތުމަށްޓަކައި 'ޖޮބް އެނަލިސިސް' އެއް ހެދުމަށް ވަނީ ލަފާދީފައެވެ. އަދި މި އެނަލިސިސްގެ ނަތީޖާއަށް ބިނާކޮށް، ކުންފުންޏަށް ކޮންމެހެން ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި، އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށްފަހު ނޫނީ ވަޒީފާއަށް މީހުން ނުނެގުމަށް ވެސް އޮޑިޓް ރިޕޯޓުގައި ބާޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މި އެންގުމާއެކު، ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ދެފުށް ފެންނަ ގޮތަކަށް ބައްޓަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މިއަދު އޮންލައިން