އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ދީނާ ގުޅުންހުރި 81 އަށްވުރެ ގިނަ މަޝްރޫޢެއްގެ މަސައްކަތް ހިނގަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ދާއިރާއިން މިހާ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ، ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ގޮންޖެހުންތަކާއެކުވެސް، ފަށާފައިވާ ހުރިހާ މަޝްރޫޢުތަކެއް ކާމިޔާބީއާއެކު ނިންމާލުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތްތަކަށް ހުރި ހުރަސްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ހަނގުރާމަތަކާ ގުޅިގެން ކުރިމަތިވާ ދަތިތަކާއި އިޤްތިޞާދީ ގޮންޖެހުންތައް ހުރި ނަމަވެސް، އެ ކަންކަން ހުރަސްކޮށް މަޝްރޫޢުތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
"މި މަޝްރޫޢުތައް ފަށައިގެން އަޅުގަނޑުމެން ކުރިއަށްމިދާއިރުގައި ވަރަށް ގިނަ ގޮންޖެހުންތައްވެސް އެބަހުރި. ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގޮންޖެހުމާއި އިގްތިސާދީ ދަތިކަމާހެދި ކުރިމަތިވާ ގޮންޖެހުންތައް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫޢުތައް ނިންމަމުން އަޅުގަނޑުމެން މިގެންދަނީ. މިދިޔަ ރޯދަމަހުގެ ކުރިންވެސް ރޯދަމަހުގެ ތެރެއާއެކު ގާތްގަނޑަކަށް 20 އެއްހާ މިސްކިތް ހުޅުވިން. އޭގެ ތެރޭގައި ކުރީ ސަރުކާރު ދުވަސްވަރު ފަށާފައި ހުއްޓިފައި ހުރި ތަންތަންވެސް ހިމެނޭ،" ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫޢުތައް ލަސްވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީ ސަރުކާރުން ބަޖެޓުގައި ފައިސާ ނުހިމަނައި ގިނަ މަޝްރޫޢުތަކެއް ފަށާފައިވާ ކަމަށެވެ. އަދި ބައެއް މަޝްރޫޢުތައް އެންމެ ޤާބިލުނޫން ކުންފުނިތަކާ ޙަވާލުކޮށްފައިވުމަކީވެސް މަސައްކަތްތައް ލަސްވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހުރިހާ ދަތިތަކަކާއެކުވެސް، މިހާރުގެ ސަރުކާރުން އަންނަނީ އިސްލާމީ އުމްރާނީ ތަރައްޤީއަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.