ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ތަކެތީގެ އަގުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 އަދި 13 ވަނަ ދުވަހާ ދިމާކޮށް، އެމްޑީޕީން ސިޔާސީ ހަލަބޮލިކަން އުފެއްދުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންދެއެވެ.
އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް ޕެޓްރޯލް ލީޓަރެއް 16.1 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 17.54 ރުފިޔާއަށް ލިބެން ހުރި ކަމަށެވެ. މިއީ ދުނިޔޭގެ ބާޒާރާއި އަދި ސަރަޙައްދީ އެހެން ޤައުމުތަކުގެ އަގުތަކާ އަޅާބަލާއިރު ނިސްބަތުން ހެޔޮ އަގުތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ބައެއް ޤައުމުތަކުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއްގެ އަގު 40.9 ރުފިޔާގައި އުޅޭއިރު، އިންޑިއާގައި އެ އަގު ހުރީ 18.8 ރުފިޔާގައެވެ. އަދި ޑީސަލަށް ބަލާއިރު، ސިންގަޕޫރުގައި 41.63 ރުފިޔާއަށް ލީޓަރެއް ލިބޭއިރު، ދުބާއީގައި އެ އަގު ހުރީ 16.1 ރުފިޔާގައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށް، ދިވެހި ފައިސާގެ އަގު އިންތިހާއަށް ވައްޓާލާފައިވާ ދަނޑިވަޅެއްގައިވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ތަކެތީގެ އަގުތައް ހިފެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.