މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމަކީ މި މަޝްރޫޢުގައި ހިމެނޭ މުހިންމު ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ތިލަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް އާ ބަނދަރަށް ޚިދުމަތްތައް ބަދަލުކުރުމާ ގުޅޭގޮތުންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ބައިނަލްއަޤްވާމީ ކަނޑުގެ ބަނދަރާއި، އަތޮޅުތެރެއާއި ރިސޯޓްތަކަށް ޚިދުމަތްދޭ ބަނދަރުގެ އިތުރުން ގުދަންކުރުމާއި ގަނެވިއްކާ ސަރަހައްދުތައް ހިމެނޭގޮތަށް މި މަޝްރޫޢު މިހާރު ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަޝްރޫޢު ނިންމަވާނެ ތާރީޚެއްގެ ގޮތުގައި 2027 ވަނަ އަހަރުގެ ނޮވެމްބަރު މަސް ކަނޑައަޅުއްވާފައެވެ. އަދި މި މަޝްރޫޢަކީ ކުރީގެ ސަރުކާރުތަކުން ކުރަން ބުނެ، ނުފެށި ލަސްވެފައިވާ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އެޅިފައިވާ ބޮޑު ހުރަހެއް ނައްތާލާނެ މުހިންމު މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި، ވިޔަފާރިވެރިންނާ އެކު ކުރިއަށްގެންދާ މި މަޝްވަރާތަކުގެ މަޤްޞަދަކީ، އާ ބަނދަރަށް ޚިދުމަތްތައް ބަދަލުވެގެންދާއިރު ވިޔަފާރިވެރިންނަށް ދިމާވެދާނެ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމެވެ.