ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގެ ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު ހުޅުވާލައިފި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށް ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނަން ހުށަހެޅުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، ރާއްޖޭގެ އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން ބީ.ސީ.ސީ އިން އިންތިޒާމްކޮށްގެން ބާއްވާ ބޮޑު މައުރަޒެކެވެ.

މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި، ފަނޑިޔާރުން ހޮވުމުގައި ބަލާނެ މިންގަނޑުތައް ބީ.ސީ.ސީ އިން މިހާރު ވަނީ އާންމުކޮށްފައެވެ. ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި:

ދިވެހި ރައްޔިތެއް ކަމުގައިވުން. އުމުރުން 21 އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން. ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން. މި މައުރަޒުގެ އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުން. ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ އެއްވެސް ފަރާތަކާ އާއިލީ ގުޅުމެއް ނުވަތަ ވިޔާފާރީގެ މަސްލަހަތެއް އޮތް ފަރާތެއް ކަމުގައި ނުވުން.

މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީ.ސީ.ސީ އިން ކަނޑައަޅާފައިވާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު، މި ހިނގާ ނޮވެމްބަރު މަހުގެ 26 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި އުފެއްދުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވޭ މުހިންމު ހަރަކާތެކެވެ.

މިއަދު އޮންލައިން