ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީ އާއި ސްޓެލްކޯ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީ އާއި ސްޓެލްކޯ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށާއި، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އޭސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.

އޭސީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަންގެ އަމަލުތައް ހިނގުން ހުއްޓުވުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަން އިތުރަށް ހަރުދަނާކުރުމެވެ. މީގެ އިތުރުން، އޭސީސީއާއި ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުން ދޭ ލަފަޔާއި އިރުޝާދުތައް ތަންފީޒުކުރުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުން މި އެއްބަސްވުމުގައި ހިމެނެއެވެ.

މި ފަހުމުނާމާގެ ދަށުން އޭސީސީގެ ޒިންމާތަކުގެ ތެރޭގައި، ސްޓެލްކޯގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ހެދުމަށްޓަކައި ބާއްވާ މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ހަމައެއާއެކު، ސްޓެލްކޯގެ ފަރާތުން އަދާކުރަންޖެހޭ ޒިންމާތަކުގެ ތެރޭގައި، އޭސީސީން ތަޙުޤީޤުކުރާ މައްސަލަތަކަށް ބޭނުންވާ މުހިންމު ލިޔެކިޔުންތަކާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ތަޙުޤީޤުތަކަށް ބޭނުންވާ މުވައްޒަފުން ހާޒިރުކުރުމުގައި އޭސީސީއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން ވަނީ އިގުރާރުވެފައެވެ.

މި އެއްބަސްވުމަކީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަނަށް އޮތް ފުރުޞަތުތައް ހަނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދެ ފަރާތުން ވެސް ފާހަގަކުރެއެވެ.

މިއަދު އޮންލައިން