ރާއްޖޭގެ ތިން ރަށެއްގައި ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އަރިއަތޮޅު އުތުރުބުރީ މަތިވެރި، ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ އަދި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ހޭންޑްބޯލް ކޯޓު އެޅުމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ މަޝްރޫއުތަކެކެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ މުހައްމަދު ފަޔާޒުއެވެ. އަދި މެގަލިންކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ އިސްމާޢިލް ޝާކިރުއެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް ބަލާއިރު، ކޮންމެ ރަށެއްގެ ކޯޓު އެޅުމަށް ހަވާލުކޮށްފައިވަނީ 1,695,503.56 (އެއްމިލިއަން ހަލައްކަ ނުވަދިހަ ފަސްހާސް ފައްސަތޭކަ ތިންރުފިޔާ ފަންސާސް ހަލާރި) އަށެވެ.
މެގަލިންކްސްއާ މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ. މި މަޝްރޫއުތަކުގެ ސަބަބުން އެ ރަށްރަށުގެ ޒުވާނުންނަށާއި ހޭންޑްބޯލް ކުޅުންތެރިންނަށް ފެންވަރު ރަނގަޅު ކޯޓުތަކެއްގައި ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.