މާލޭގެ މައި މަގެއް ކަމަށްވާ އަމީނީމަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފިއެވެ.
ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން ބުނީ ރޭގެ ވަގުތެއްގައި މަސައްކަތަށް ބޭނުންވާ މެޝިނަރީތައް ސައިޓަށް ގެންގޮސް، ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓްގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައިވަނީ އިއްޒުއްދީން މަގާއި އަމީނީމަގު ގުޅުނު ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ މަގުގެ ދެން އޮތް މަރުހަލާގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން، މިހާރު މަގުގައި އަޅާފައިވާ ތާރު ފަށަލަ ނެގުމުގެ މަސައްކަތެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.