އައްޑޫ ސިޓީގެ ލިންކްރޯޑުގައި ތާރުއެޅުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، އެ މަސައްކަތް އިތުރު ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫ ލިންކްރޯޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، އައްޑޫ ލިންކްރޯޑުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ސަރުކާރުން މެޝިނަރީޒް ހޯދައިގެން ކަމަށެވެ. އަދި އެ މަގު ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ނިންމުމަށް ގާތްގަނޑަކަށް 400 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ވީހާވެސް ޚަރަދު ކުޑަކޮށް މި މަޝްރޫޢު ކުރިއަށްގެންދިއުންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތް މިހާރު ހަވާލުކޮށްފައިވަނީ ސީދާ ކޮސްޓް ޕްރައިޒްގައި ކަމަށެވެ. "މަގު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. އެތަނުގައި ރައްޔިތުން ބޭނުންވަނީ ތާރު އަޅާފައި ރައްޔިތުންނަށް ފަސޭހަވާނެގޮތް ހެދުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ލިންކްރޯޑުގައި ތާރުއެޅުމުގެ ބައި އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަޝްރޫޢުގައި ހިމެނޭ ބާކީ ހުރި މަގުތަކުގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކުރިއަށްގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އައްޑޫގެ މަގުހެދުމުގެ މަޝްރޫޢު ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށެވެ.