މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދަނީ އަސާސީ ޤަވާއިދާ އެއްގޮތަށް: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަތީ މަޖިލީހުގެ ވޯޓުލުން ކުރިއަށްދަނީ އަސާސީ ޤަވާއިދާ އެއްގޮތަށް: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިކަން ހާމަކޮށްފައިވަނީ އެ ޕާޓީގެ މަތީ މަޖިލީހުން ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ވޯޓު ނަގާ ގޮތާ މެދު ބައެއް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ޕީއެންސީން ވަނީ މަތީ މަޖިލީހުގެ ވޯޓާ ގުޅޭގޮތުން މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތައް ދޮގުކޮށްފައެވެ. އެ ޕާޓީން ބުނި ގޮތުގައި، ޕާޓީގެ މަތީ މަޖިލީހާއި، ޤައުމީ މަޖިލީހުގެ އިތުރުން ޕާޓީގެ އެކި ގުނަވަންތަކުގެ ކަންކަން އިންތިޒާމުކޮށް ނިންމުންތައް ނިންމާނެ ގޮތް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީގެ އަސާސީ ޤަވާއިދުގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޕީއެންސީން ފާހަގަކުރި ގޮތުގައި އެ ޕާޓީގެ އަސާސީ ޤަވާއިދަކީ ޕާޓީގެ ވެބްސައިޓުގައި ޝާޢިއުކޮށް، ޕާޓީގެ މެންބަރުންނާއި، ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ފަސޭހައިން ފެންނަން އޮތް ލިއުމެކެވެ. އެހެންކަމުން، ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ނިންމުންތައް ނިންމުމުގައި އަމަލުކުރަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން އެ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މިއަދު އޮންލައިން