މަރާމާތުކުރުމަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަރާމާތުކުރުމަށް އަމީނީމަގުގެ ބައެއް ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތަށް ބަދަލުތަކެއް ގެނެސްފި

މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، އެ މަގުގެ ސެގްމެންޓް 1 ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ޚިދުމަތުގެ ބައެއް ރޫޓުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، އަމީނީމަގުގެ ސެގްމެންޓް 1 މަރާމާތުކުރުމަށްޓަކައި އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު މިރޭ 12:00 އިން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު އެ ކުންފުނިން ފޯރުކޮށްދޭ ބަހުގެ ޚިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

އެގޮތުން، އާރްޓީއެލް ބަހުގެ ޚިދުމަތުގައި ހިމެނޭ ރޫޓް-10 (އޯކިޑް ރޫޓް) ގެ ދަތުރުތައް ދެން ފަށާނީ އަދި ނިންމާނީވެސް ވެސްޓް ޕާކު ބަސް ހުއްޓިއަށެވެ. މި ބަދަލާއެކު، އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10 ގެ ބަސްތައް މަޑެއް ނުކުރާނެއެވެ.

މީގެ އިތުރުން، އަމީނީމަގު ސެގްމަންޓު 1 ގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ރޫޓް-11 (އަމީނީމަގު ރޫޓް) ގެ ބަހުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށްވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އަދި ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ ބަސްތައް މާލޭގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށް ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ބަދަލުތަކަކީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި ގެނެވުނު ވަގުތީ ބަދަލުތަކެކެވެ. މަސައްކަތް ނިމުމުން ބަހުގެ ޚިދުމަތްތައް އާންމު އުސޫލުން ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން