ގދ. ނަޑެއްލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މުޅި މަޝްރޫޢުގެ 49 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތާއި، އެއްގަމު ތޮށީގެ މަސައްކަތް އަދި ނެރު ފައިކަށީގެ ހިލަ ޖެއްސުމުގެ މަސައްކަތެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދާއިރާގެ ތެރޭގައި ބަނދަރުގެ ރައްކާތެރިކަމަށްޓަކައި ބޭރުތޮށި ލުމާއި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަސައްކަތްތަކަކީ ނަޑެއްލާގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެމް.ޓީ.ސީ.ސީ އިން އަމާޒު ހިފާފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ބަނދަރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.