މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިދިޔަ މަހު މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފި

މިދިޔަ ޖުލައި މަހުގެ ތެރޭގައި މަސްވެރިންނަށް 49.7 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު އެ ކުންފުންޏަށް މަސްކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް ޖުމްލަ 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. މިއީ ޖޫން މަހު މަސް ކިރުވި 517 ދޯންޏާ އަޅާބަލާއިރު 59 އިންސައްތައިގެ އިތުރުވުމެކެވެ. މަސްކިރުވި ދޯނިތައް އިތުރުވުމާ ގުޅިގެން، ކިރުވި މަހުގެ ޖުމްލަ ބަރުދަންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޖޫން މަހު ކިރުވި 568 ޓަނުގެ މަހުގެ ބަދަލުގައި، ޖުލައި މަހު 2،474 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ 335.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ކަންކަމަށް ބަލާއިރު، ޖޫން މަހު ދޫކުރި 11.3 މިލިޔަން ރުފިޔާގެ ބަދަލުގައި ޖުލައި މަހު ވަނީ 49.7 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. މިއީ 339 އިންސައްތައިގެ އިތުރުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުމަށާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން