މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް ޒަކާތު ފަންޑުން 1.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ދާއިރާއަށް 16.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތު ފަންޑުން ޖޫން މަހު ފައިސާ ދޫކޮށްފައިވާ އެހެނިހެން ދާއިރާތަކަށް ބަލާއިރު ފީ ސަބީލިﷲ އަށް 1.4 މިލިޔަން ރުފިޔާ، ޢާމިލުންނަށް 256,000 ރުފިޔާ އަދި އިބްނުއްސަބީލުންނަށް 85,000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ބަޔަށް ކަނޑައެޅުނު 16.9 މިލިޔަން ރުފިޔާގެ ތެރެއިން، މުދަލު ޒަކާތުގެ ގޮތުގައި 13.1 މިލިޔަން ރުފިޔާ ބަހާފައިވެއެވެ. ބާކީ ހުރި ފައިސާ ހޭދަކޮށްފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓަށް (2.5 މިލިޔަން ރުފިޔާ)، ބޭސްފަރުވާގެ އެހީއަށް (1.3 މިލިޔަން ރުފިޔާ)، ޟަރޫރީ އެހީއަށް (62,000 ރުފިޔާ) އަދި ދަތި ހާލުގައި އުޅޭ ކިޔަވާ ކުދިންނަށް (6,450 ރުފިޔާ) އެވެ.
މީގެ އިތުރުން، ފީ ސަބީލިﷲ ދާއިރާއިން ބޮޑު ހޭދައެއް ކޮށްފައިވަނީ އިލްމު ފެތުރުމުގެ މަސައްކަތްތަކަށެވެ. އެގޮތުން ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމަށް 806,395 ރުފިޔާ، މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް 626,534 ރުފިޔާ، އަދި ޒަކާތުގެ ދާއިރާއިން ދިރާސާކުރުމަށް 54,192 ރުފިޔާ ހޭދަކޮށްފައިވެއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ފާހަގަކުރެވޭ ގޮތުގައި، ވޭތުވެދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދަދު ވަނީ ކުރީގެ މަސްތަކާ އަޅާބަލާއިރު ދެގުނަ އިތުރުވެފައެވެ. މި އިތުރުވުމާއެކު، ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ އެހީގެ މިންވަރު ވެސް ވަނީ އިތުރުވެގެން ގޮސްފައެވެ.