މާލޭގެ މައި މަގެއް ކަމަށްވާ އަމީނީމަގު އަލުން މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ އަމަލީ މަސައްކަތް މާދަމާ ފެށުމަށްޓަކައި ވާންޖެހޭ އެންމެހާ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
ނިމިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، މި މަސައްކަތް މިހާރުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. ޚާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ބައެއް ވަނީ ބޭނުންކުރަން ދަތިވާ މިންވަރަށް ހަލާކުވެފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މަގު މަރާމާތުކުރުމަށްޓަކައި ކުރަންޖެހޭ ސާވޭތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ފުރަތަމަ ސެގްމަންޓްގެ މަސައްކަތް މާދަމާ ފެށުމަށްޓަކައި، އެ ސަރަހައްދަށް ބޭނުންވާ ބަރު މެޝިނަރީތައް މިރޭ ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ފެށުމުގެ ގޮތުން މިރޭގެ ވަގުތެއްގައި، ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް އަމީނީމަގު އެއްކޮށް ބަންދުކުރާނެއެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިރޭ 00:00 އިން ފެށިގެން، މަސައްކަތް ނިމެންދެން އިއްޒުއްދީން މަގުން އަމީނީމަގަށް އުޅަނދުތަކަކަށް ނުނިކުމެވޭނެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 12:00 ގެ ކުރިން ނެގުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމީނީމަގު އަލުން މަރާމާތުކުރުމަށް ނިންމެވީ، އެ މަގު ކުރިން ހަދާފައިވާ ފެންވަރު ދަށްވުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދިމާވަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަގްސަދުގައެވެ.