ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އިސްލާމިކް ބޭންކަށް 111 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އިސްލާމިކް ބޭންކަށް 111 މިލިޔަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި 111 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

އެމްއައިބީއިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން، ބޭންކުގެ މުހިންމު ހުރިހާ ދާއިރާތަކަކުންވެސް ވަނީ ދެމެހެއްޓެނިވި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން، ދެވަނަ ކުއާޓަރު ނިމުނުއިރު ބޭންކުގެ ޖުމްލަ އެސެޓް ވަނީ 19.31 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު %4.37 ގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ %43.52 ގެ ބޮޑު އިތުރުވުމެއްކަން އެ ބޭންކުން ފާހަގަކުރެއެވެ.

ބޭންކުގެ ހިންގުމުގެ ފައިދާއަށް ބަލާއިރު، މި މުއްދަތުގައި 170 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ ކުއާޓަރަށްވުރެ %4.29 އިތުރު އަދަދެކެވެ. މީގެއިތުރުން، އާމްދަނީގެ ގޮތުގައި ބޭންކަށް 284.60 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓަރަށްވުރެ %5.85 އަދި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %32.07 ގެ ކުރިއެރުމެކެވެ.

ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަވާ އެންމެ މުހިންމު އެއް ކަމަކީ ޑިޕޮސިޓްތަކަށް އައި ބަދަލެވެ. އެގޮތުން، މި މުއްދަތުގައި ކަސްޓަމަރުން ޑިޕޮސިޓް ކުރި އަދަދު %5.37 އިތުރުވެ، ޖުމްލަ 16.22 ބިލިޔަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ އަހަރީ މުއްދަތަށް ބަލާއިރު %43.24 ގެ ބޮޑު ކުރިއެރުމެކެވެ.

އެމްއައިބީއިން ވިދާޅުވި ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ބޭންކުގެ ސާފު ފައިދާ ވަނީ 111.42 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %15.66 ގެ ކުރިއެރުމެކެވެ. މި ނަތީޖާތަކަކީ ބޭންކުން ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތުތަކާއި ކަސްޓަމަރުންގެ އިތުބާރުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށް އެ ބޭންކުން ދެކެއެވެ.

މިއަދު އޮންލައިން