ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ރިވެލި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ރިވެލި އެވޯޑު" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން މިއަދު ހުޅުވާލައިފިއެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ. މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތްތައް ފާހަގަކުރުމެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަ ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ: 1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ.2. އެކިގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް.3. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާ.4. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމުޢިއްޔާތައް.5. ފަންނީ އަދި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ.6. ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން ބުނީ މި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިވެ، އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، ކުރިއެރުމަށް މަގުފަހިކުރުމަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އުޞޫލުތައް ހިމެނޭ ލިޔުންތައް، އުމަރު ޒާހިރު އޮފީސް ބިލްޑިންގގައި ހުންނަ އެ މިނިސްޓްރީގެ ކައުންޓަރުންނާއި، ވެބްސައިޓުން އަދި އަތޮޅުތެރޭގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 2026 އޮގަސްޓު 30 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.

މިއަދު އޮންލައިން