މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ: މެޓް އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަކުރާނެ: މެޓް އޮފީސް

މި ހަފުތާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމަށް ބަލާއިރު، އަންގާރަ ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ބުދަ އަދި ބުރާސްފަތި ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަ ކުރާއިރު، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން ހުކުރު އަދި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ބެލެވޭ އިރު، އުތުރުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

މިއަދު އޮންލައިން