ހުޅުމާލޭ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ފާލަން މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ޖެޓީއަށް ގެއްލުން ލިބިފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެޓީގައި ޖެހިގެން ހިނގި ހާދިސާއެއްގައެވެ. މި ހާދިސާގެ ސަބަބުން ޖެޓީގެ ސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެޗްޑީސީން ވަނީ އެ ޖެޓީގެ އުތުރު ފާލަން މަރާމާތުގެ މަސައްކަތަށް ވަގުތީގޮތުން ބަންދުކޮށްފައެވެ. "މި ޖެޓީއަކީ ގިނަ ބަޔަކު ބޭނުންކުރާ ތަނަކަށް ވާތީ، އެތަނުގެ މަރާމާތުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައި އަލުން ހުޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުން،" އެޗްޑީސީން ބުންޏެވެ.
މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ޖެޓީގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އެ ކޯޕަރޭޝަނުން އަންނަނީ ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި ޖެޓީގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.