ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވަނީ މައިންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ. މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވަނީ ގާތުން ދިނުމުގެ މުހިންމުކަމާއި، އެކަމަށްޓަކައި މައިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާފައެވެ.
ސާޖިދާ މުޙައްމަދު ވިދާޅުވީ ގާތުން ދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުން ނޫން ކަމަށާއި، އެއީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ޖަޒުބާތީ ގޮތުން ގާތްކަން އުފައްދައިދޭ، އަދި މުޅި އުމުރަށް ދެމިގެންދާނެ ސިއްހީ ބިންގަލެއް އަޅައިދޭ "ދަރިފުޅުގެ އެންމެ ފުރަތަމަ އައްޑަނަ" ކަމަށެވެ. ކޮންމެ ފަހަރަކު ކާންދިނުމާއި، ނިދި ނަގާލައިގެން ކުރާ މަސައްކަތަކީ ލޯބީގެ މަތިވެރި އަމަލެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއިން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ދެ އަހަރު ވަންދެން މުސާރަ ލިބޭ ގޮތަށް ނާސިން ބްރޭކް ދިނުމާއި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ރައްކާތެރިކުރުމާއި، މުޅި ރާއްޖޭގައި ތުއްތު ކުދިންގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރެވިފައިވާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ.
ސާޖިދާ އިތުރަށް ވިދާޅުވީ، ދަރިފުޅަށް އެންމެ ސިއްހީ ގޮތުން ރަނގަޅު ފެށުމެއް ހޯދައިދިނުމަށްޓަކައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއާއި ނާސިން ބްރޭކްގެ ބޭނުން ހުރިހާ މައިންވެސް ފުރިހަމައަށް ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މައިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މުޅި މުޖުތަމައުގެ ގުޅިފައިވާ ޒިންމާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މި އަހަރުގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުން ދިނުން: މަސައްކަތްކުރާ ނިޒާމުތައް ވަރުގަދަކުރުން" އަށް އަލިއަޅުވާލައްވައި، މިކަމަށް އޮތް ބަދަހި އަޒުމް އާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގޮވާލައްވާފައެވެ.