ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްގީ ކުރެއްވުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްގީ ކުރެއްވުން: ރައީސް

ސަރުކާރުގެ އަމާޒަކީ ހަމަހަމަކަމާއެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ތަރައްގީ ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ތަރައްޤީގެ ދާއިރާއިންވިޔަސް އަދި އެހެނިހެން ދާއިރާއަކުންވިޔަސް ހަމައެކަނި މާލެ ސަރަޙައްދު ތަރައްޤީ ކުރުމުގެ ބަދަލުގައި ލާމަރުކަޒީކޮށް ހުރިހާ ރަށެއް ހަމަހަމަކަމާއެކު ތަރައްޤީ ކުރުން ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން އަންނަނީ، މިހާރުވެސް މުޅި ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގަވަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، މި ސަރުކާރުގެ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި އެކި ދާއިރާތަކުން 590 މަޝްރޫޢުގެ މަސައްކަތް ވަނީ ނިމިފައެވެ. ނަމަވެސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ މުއްދަތުގައި ނިންމާފައިވަނީ 285 މަޝްރޫޢު ކަމަށާއި، އޭގެ ކުރީ ސަރުކާރުން ނިންމާފައިވަނީ 321 މަޝްރޫޢުކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުވެސް 1635 މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ދެ ސަރުކާރުން އެ އަދަދާ ގާތްކުރާ ވަރަށްވެސް މަޝްރޫޢުތައް ކުރިއަށް ނުގެންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ މުއްދަތުގައި ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔައީ 414 މަޝްރޫޢު ކަމަށާއި، އޭގެ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ 355 މަޝްރޫއު ކަމަށެވެ.

ރަަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމްތައް ނިންމުން، މިއީ ދުވަހަކުވެސް ކުރެވިފައި ހުރި ކަންކަމެއް ނޫން. ހުރިހާ ރަށެއްގައި މިހަދަނީ ފިޓްނަސް ސެންޓަރުތައް. މިކަންކަން ނިމޭނެ 2028ގެ ޖުލައި 26 ވަނަ ދުވަަހުގެ މާކުރިން." ކަމަށެވެ.

މީގެ އިތުރުން ހުރިހާ ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހެދުން ފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ރާވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން