ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަންފެށުމާއެކު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރ ޒިޔާއު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ބާޒާރުގައި ކުރިއަށް ދިއުމަށް މުހިންމު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. މިއީ ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ތައާރަފްކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިޤްތިޞާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އެކްސްޕޯޓް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިކުރާ ބައެއް ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް ވަނީ ނިންމާފައެވެ. ޑިއުޓީ އިނާޔަތްތަކާއެކު ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ ބާޒާރަށް މުދާ އެކްސްޕޯޓްކުރުމުގައި ލުއިފަސޭހަތަކެއް ލިބި، ވާދަވެރި އަގުތަކެއްގައި މުދާ ވިއްކުމުގެ ފުރުސަތު ފަހިވާނެއެވެ.

މި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަކީ 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުހިންމު މަޝްވަރާތަކުގެ ނަތީޖާއެކެވެ. މި އެއްބަސްވުމާއެކު ރާއްޖެއާއި ތުރުކީވިލާތުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އައު ހަރުފަތަކަށް ޖެހިލާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން