ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް ޒުވާނުންނަށް އަދި ވަކި އިންސައްތައެއް އަންހެނުންނަށް ކަނޑައެޅުމަށްޓަކައި ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންގެ ބަސްބުނެވޭނެ ގޮތް ނިޒާމުގެ ތެރެއިން ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ލިޔެކިޔުންތަކުގައި ހަމަހަމަ ފުރުސަތު އޮތް ކަމަށް ދެއްކި ނަމަވެސް، އަމަލީ ގޮތުން އިންތިޚާބުތަކުގައި އެކަން ނުފެންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މަޖިލިސް އިންތިޚާބުގައި ޒުވާނުންނާއި އަންހެނުން ކުރިމަތިލީ ނަމަވެސް، ވޯޓު ލިބޭ ގޮތުން އެ ފަރާތްތައް ބާކީވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، "މިކަމާއި އަޅުގަނޑަށް އެބައާދޭ އެކި ކަހަލަ ކޮމެންޓްސް. އެއީ، ކީއްކުރަން ކުރާ ކަމެއްހެއްޔޭ. މިހާރުވެސް އެބައޮތޭ ހަމަހަމަ ފުރުސަތު. ތެދެއް. ލިޔެކިޔުމުގައި ހަމަހަމަ ފުރުސަތު އެބައޮތް. ޒުވާނުން ނޫނިއްޔާ އަންހެން ބޭފުޅުން ކުރިމަތިލާ. އެކަމަކު ކުރިމަތިލީމަ ވޯޓު ލިބޭގޮތުން މި ފަރާތްތައް ބާކީ އެބަވޭ. ވަރަށް މަދު ފަހަރަކު އަދި އަމުދުން އަންހެނަކު ހޮވޭނީ،" ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އަންހެނުންނަށް ފުރުސަތު ހޯދައިދޭން މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ހަގީގީ މާނައިގައި ކާމިޔާބުވާނީ މަޖިލީހުގެ ގޮނޑިތަކުން ވަކި މިންވަރެއް ކޯޓާގެ ގޮތުގައި ކަނޑައެޅިގެން ކަމަށެވެ. އެހެންކަމުން، ޤާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން މި ބަދަލު ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި އިސްލާހު ގެނައުމުގެ މަގުސަދަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ ފުޅާކޮށް، އެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.