އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބިއްޖެ

މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުތައް ދައްކާގޮތުން، ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގަށް އާމްދަނީގެ ގޮތުގައި 734 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު 730 މިލިޔަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 0.46 އިންސައްތައިގެ ކުރިއެރުމެކެވެ.

ދިރާގުގެ މާލީ ހިސާބުތަކަށް ބަލާއިރު، މޯބައިލް ޚިދުމަތްތަކުން ލިބުނު އާމްދަނީ ވަނީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކުޑަކޮށް ދަށްވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި މޯބައިލް ޚިދުމަތުން 404 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ 394 މިލިޔަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 2.47 އިންސައްތައިގެ ދަށްވުމެކެވެ.

މޯބައިލް އާމްދަނީ ދަށްވި ނަމަވެސް، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތްތަކުން ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ފުރަތަމަ ކުއާޓަރުގައި މި ދާއިރާއިން 302 މިލިޔަން ރުފިޔާ ލިބިފައިވާއިރު، ދެވަނަ ކުއާޓަރުގައި މި އަދަދު ވަނީ 315 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ 4.3 އިންސައްތައިގެ އިތުރުވުމެކެވެ.

ކުންފުނީގެ ފައިދާއަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 249 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ދިރާގުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދިރާގުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކުގެ އިތުރުން، ފިކްސްޑް ލައިން، ބްރޯޑްބޭންޑް އިންޓަނެޓް އަދި އެންޓަޕްރައިޒް ވިޔަފާރިތަކުގެ ދާއިރާއިންނެވެ.

މިއަދު އޮންލައިން