ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި 180،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފްތާގައި 180،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލިއްޖެ!

ސްކޭމްގެ އެކި މައްސަލަތަކުގައި މިދިޔަ ހަފްތާގައި އެކަނިވެސް 180،000 އަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ ހަފްތާގައި ސްކޭމްގެ ޖުމްލަ 33 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި ޖުމްލަ 184,235 ރުފިޔާ އާންމުންގެ އަތުން ވަނީ ގެއްލިފައެވެ.

ގެއްލުނު ފައިސާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިދިޔަ ހަފްތާގެ ތެރޭގައި 72,073 ރުފިޔާ އަނބުރާ ހޯދިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފައިވެއެވެ. މިދިޔަ ހަފްތާގައިވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެ ބާވަތުގެ 16 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީ-ކޮމާސްގެ 16 މައްސަލައިގެ އިތުރުން، ބުކިން ކެންސަލް ރިފަންޑް ސްކޭމްގެ 7 މައްސަލައަކާއި، ފައިސާ މާރުކުރުމުގެ 4 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި 1 މައްސަލައަކާއި އެހެނިހެން ބާވަތުގެ 5 މައްސަލައެއް ހިމެނެއެވެ. މި ސްކޭމްތައް ހިންގުމުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭ، ސޯޝަލް މީޑިއާ މަންސަތައް، ފިޝިން ލިންކު އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

މިދިޔަ ހަފްތާގައި 'ބުކިން ކެންސަލް ރިފަންޑް' ސްކޭމްތައް އިތުރުވެފައިވާތީ ފުލުހުން ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މި ސްކޭމް ހިންގަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮޓާ ނުވަތަ އެޕާޓްމަންޓް ބުކިން ހެދުމަށްފަހު، ސައްހަނޫން ފައިސާ ފޮނުވި ސްލިޕް ހިއްސާކޮށް، ކުއްލި ކަމެއް ދިމާވެގެން ބުކިން ކެންސަލްކުރަން ބުނެ އަވަހަށް ފައިސާ އަނބުރާ ހޯދުމަށް އެދިގެންނެވެ.

ފުލުހުން އިރުޝާދު ދެނީ މިފަދަ މުއާމަލާތްތަކުގައި ސްލިޕަށް އެކަނި އިތުބާރު ނުކޮށް، ރިފަންޑް ދިނުމުގެ ކުރިން ބޭންކިން އެޕް މެދުވެރިކޮށް އެކައުންޓަށް ފައިސާ ވަދެފައިވާކަން ޔަގީންކުރުމަށެވެ. "ކުއްލި އަވަސްކަމެއް ދެއްކި ނަމަވެސް، ތަނުގެ ރަސްމީ ރިފަންޑް އުސޫލާ އެއްގޮތަށް އަމަލުކުރުމަށް" ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އޮންލައިން ވިޔަފާރި ކުރާއިރު ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ނޭނގޭ ފަރާތްތަކަށް ކުރިއާލާ ފައިސާ ނުފޮނުވުމަށް ފުލުހުން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ. އަދި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަކީ ސްކޭމްތަކުން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ފިޔަވަޅުކަމުގައި ފުލުހުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން