ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ފުރިހަމަކުރަންޖެހޭ ޤާނޫނީ އަދި އިޖުރާއީކަންކަން ދަނީ ކުރަމުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރާއްޖޭގެ ކަނޑުން ގެއްލުނުބައި ހޯދުމަށް ފުރިހަމަކުރަންޖެހޭ ޤާނޫނީ އަދި އިޖުރާއީކަންކަން ދަނީ ކުރަމުން: ރައީސް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އަދި އިޖުރާއީ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތުގެ ތެރެއިން، ދާދިފަހުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޚާއްޞަ ޓީމެއް ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ބައިނަލްއަޤުވާމީ ފެންވަރުގެ ޤާބިލް ޓީމަކާ ގުޅިގެން ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކަނޑުގެ ސަރަހައްދުގެ މައްސަލައާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް. އެކަން އަޅުގަނޑުމެން އޮންނާނީ އިޢުލާންވެސް ކޮށްފައި. އިރާދަކުރެއްވިއްޔާ ރަސްމީކޮށް ކޯޓުމަރުހަލާގެ ތެރެއިން ކާމިޔާބުކުރެވި އޭގެ ފައިދާ އަޅުގަނޑުމެންނަށް ކުރަމުންދާނީ،" މިހެންނެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ގެއްލިގެން ދިޔައީ ނިމިދިޔަ ސަރުކާރުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތުން ކަމަށެވެ. އެ ސަރަހައްދު ދޫކޮށްލާފައިވަނީ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަނުކޮށް، އެއްވެސް ހަމައެއްނެތި ކަމަށް ވިދާޅުވެ، އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. މި ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުން ދަނީ ބައިނަލްއަޤުވާމީ މައިދާނުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންނެވެ.

މިއަދު އޮންލައިން