ޕެންޝަން ސްކީމް މެދުވެރިކޮށް ފަރުޟު ޙައްޖުވުމަށް ޝަރުތުހަމަވާ 23000 އަށްވުރެ ގިނަ މީހުން އެބަތިބި: ޕެންޝަން އޮފީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ޕެންޝަން ސްކީމް މެދުވެރިކޮށް ފަރުޟު ޙައްޖުވުމަށް ޝަރުތުހަމަވާ 23000 އަށްވުރެ ގިނަ މީހުން އެބަތިބި: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕެންޝަން ސްކީމް މެދުވެރިކޮށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޝަރުތުހަމަވާ 23,000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ޕެންޝަން އޮފީހުން ހާމަކުރި ގޮތުގައި މި ފުރުޞަތުގެ ބޭނުން ހިފޭނީ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ވަކި މިންވަރަކަށް ފައިސާ ޖަމާވެފައިވާ ފަރާތްތަކަށެވެ.

ޕެންޝަން ސްކީމުން ޙައްޖުވުމަށް ފައިސާ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި، އެ މީހަކީ މީގެ ކުރިން ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކަށް ވާންޖެހެއެވެ. އަދި އެ މީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336,000 ރުފިޔާ ޖަމާކުރެވިފައި ހުންނަންޖެހެއެވެ. ޕެންޝަނާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން، ޙައްޖުގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފައިސާގެ 80 އިންސައްތަ ޕެންޝަން ފަންޑުން ދޫކުރެވޭނެއެވެ. މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ ޕެންޝަން ފަންޑު މެދުވެރިކޮށް ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖުމްލަ 23,172 މީހަކު ޝަރުތުހަމަވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 15,781 ފިރިހެނުންނާއި 7,391 އަންހެނުންނެވެ. އަދި މި ސްކީމްގެ ދަށުން މިހާތަނަށް 274 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވާކަން އެ އޮފީހުން ފާހަގަކުރެއްވިއެވެ.

ޝަރުތުހަމަވާ މީހުންގެ އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނާއި މެދުއުމުރުގެ މީހުންނެވެ. އެގޮތުން އުމުރުން 65 އަހަރުން މަތީގެ 5,480 މީހުން (1,634 އަންހެނުން އަދި 3,846 ފިރިހެނުން) ހިމެނެއެވެ. އުމުރުން 45 އަހަރާއި 55 އަހަރާ ދެމެދުގެ އުމުރުފުރާގައި 3,429 އަންހެނުންނާއި 6,043 ފިރިހެނުން ހިމެނޭއިރު، 35 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގައި 2,240 އަންހެނުންނާއި 5,641 ފިރިހެނުން ހިމެނެއެވެ.

ޒުވާން އުމުރުފުރާތަކަށް ބަލާއިރު، އުމުރުން 25 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިން ޝަރުތުހަމަވަނީ 88 އަންހެނުންނާއި 251 ފިރިހެނުންނެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕެންޝަން ފަންޑުގައި ގިނަ އަދަދަކަށް ފައިސާ ޖަމާވެފައި ހުރި ގިނަ ފަރާތްތަކަކަށް މިހާރުވެސް މި ސްކީމްގެ ދަށުން ޙައްޖަށް ދިއުމުގެ ފުރުޞަތު އެބައޮތެވެ.

މިއަދު އޮންލައިން