ފެނުގެ ދާއިރާއިން ކުރިމަގު ބިނާކުރަން ބޭނުންވާ ދިވެހިންނަށް އަމާޒުކޮށްގެން "ނޭޝަނަލް ސެޓްފިކެޓް III އިން ޕްލަމްބިންގ" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) ރެޑިނަސް ޕްރޮޖެކްޓުގެ ދަށުން، ޖަރުމަނުވިލާތުގެ ޖީ.އައި.ޒެޑް (GIZ) ގެ ފަންނީ އެހީތެރިކަމާއެކު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހަކީ މުޅިން ހިލޭ، ފުލީ-ފަންޑަޑް ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދާ ކޯހެކެވެ.
މި ކޯހުގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފެނުގެ ދާއިރާއިން ހުނަރުވެރި ޖީލެއް އުފެއްދުމެވެ. ޚާއްޞަކޮށް މި ދާއިރާއިން އަންހެނުން ކުރިއަށް ދިއުމަށް ބާރުއެޅުމުގެ ގޮތުން، އަންހެން ބޭފުޅުން މި ކޯހަށް ކުރިމަތިލުމަށް އިސްކަންދީ ބާރުއަޅާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ދަށުން، މިއީ ފަންނީ ހުނަރު އިތުރުކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 10 އޯގަސްޓް 2026 އެވެ. ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާނީ އޮންލައިން ލިންކު https://forms.gle/osGPcxbzc2o7Axuj7 މެދުވެރިކޮށެވެ.