ފަވަރަ' އާއި އިންޑިއާގެ ޔޫ.ޕީ.އައި ގުޅައިލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި ޚިދުމަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
ފަވަރަ' އާއި އިންޑިއާގެ ޔޫ.ޕީ.އައި ގުޅައިލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި ޚިދުމަތް ފަށައިފި

ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް 'ފަވަރަ' އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫ.ޕީ.އައި) ގުޅައިލުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ވަގުތުން ފައިސާ ފޮނުވޭނެ ޚިދުމަތް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ. މިއީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމެއް ބޭރުގެ ސިސްޓަމަކާ ގުޅާލެވުނު ފުރަތަމަ ފަހަރަށް ވާއިރު، މިއީ ދެ ޤައުމުގެ މާލީ މުޢާމަލާތްތަކަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

މި ޚިދުމަތުގެ ސަބަބުން ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިގޮތުން ދިވެހި ރުފިޔާއިން ފޮނުވާ ފައިސާ، ޔޫ.ޕީ.އައި މެދުވެރިކޮށް އިންޑިއަން ރުޕީސްއިން، ފައިސާ ލިބޭ ފަރާތަށް ވަގުތުން ލިބިގެންދާނެއެވެ. ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (P2P) މުއާމަލާތްތަކެވެ. މީގެ ސަބަބުން އިންޑިއާގައި އުޅޭ ދިވެހިންނަށާއި އާއިލާތަކަށް ފައިސާ ފޮނުވުން އިތުރަށް އަވަސްވެ ފަސޭހަވެގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެއެވެ.

މި ޚިދުމަތުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް 'ފަވަރަ' ބޭނުންކޮށްގެން، އިންޑިއާގެ ޔޫ.ޕީ.އައި އާ ގުޅިފައިވާ ބޭންކް އެކައުންޓްތަކަށް ފައިސާ ފޮނުވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ އެމްއެމްއޭ އާއި، ރިޒާވް ބޭންކް އޮފް އިންޑިއާ، އެން.ޕީ.ސީ.އައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް، އަދި ދެ ޤައުމުގެ ކަމާގުޅޭ މާލީ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ. މި ޚިދުމަތުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރެވޭ މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.

ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން، އަންނަ އަހަރުގެ ތެރޭގައި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ކުރާ (P2M) މުއާމަލާތްތަކަށް މި ޚިދުމަތް ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ކިއު.އާރް ކޯޑު މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، ޑިޖިޓަލް ޕޭމަންޓްގެ އިތުރު ޚިދުމަތްތައް ހިމެނެއެވެ.

މި ތާރީޚީ ކާމިޔާބީއާ ގުޅިގެން، ދިވެހިރާއްޖެއާއި އިންޑިއާގެ ސަރުކާރުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް އެމްއެމްއޭއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި މާލީ ގުޅުންތައް އިތުރަށް ހަރުދަނާވެ، ވިޔަފާރިއާއި އާންމު ފަރުދުންގެ މާލީ މުއާމަލާތްތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން