ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް ހިންގަމުންދާ ކެފޭތަކާއި ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ހިމެނޭ ޓާސްކް ފޯހުން މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.

މިއަދު ހިންގި މިއޮޕަރޭޝަންގައި ޖުމްލަ 6 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި އާންމުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ކެފޭތަކާއި، ޓޭކްއަވޭ އައުޓްލެޓްތައް ހިމެނޭ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މި ތަންތަން ބަލައި ފާސްކުރުމުގެ ތެރޭގައި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ 28 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ތަފްސީލީ ގޮތެއްގައި ޗެކްކޮށްފައެވެ. މީގެ ބޭނުމަކީ އެމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ސައްހަ ހުއްދަ އޮތް ބައެއްތޯ ކަށަވަރު ކުރުމެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ޗެކްކުރެވުނު މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު ވަނީ ފާހަގަކުރެވިފައެވެ. މި އަށް މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުންނާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކެކެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ފާސްކުރުންތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިއަދު އޮންލައިން